ރަސްމާލެ ހިލޭ ސާބަހަށް ބަޔަކައް ދޫކޮށްލައި، އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަށްޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިފަދައިން ވިދާޅުވީ، ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

މައުރޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ރަސްމާލޭގެ ބިމުން އެއްވެސް މިންވަރެއް ކުއްޔަށްވެސް ނުދޭނެ ކަމުގައި ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު އުޅެނީ ޔަހުދީންނަށް ވާގިވެރިވާ އަދި އެމީހުން ޕްރޮމޯޓްކުރަން ވާހަކަދައްކަމުންދާ ފަރާތަކަށް، ހުސްނުވާ 99 އަހަރަށް އެތަނުން ބިން ދިނުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމުގައި ގޮވާލީމަ އަޑުޖެހެ ހިސާބުގައި ޔަހޫދީ އާބާދީއެއް ވަޒަން ވެރި ކުރުވަނީ ރައީސް މުއިއްޒު . ރައީސް މުއިއްޒަކީ އަޅުގަނޑުގެ ނަޒަރުގައި ޔަހޫދީއެއް. ޒަޔަނިސްޓެއް. ޒަޔަނިސްޓައް ވާގިވެރިވާ ޔަހޫދީއެއް. ޔަހޫދީންގެ ސިފަތައް އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ، އެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ އެބަހުރި، ދިވެހިރައްޔިތުންގެ ތެރޭގައި ރައީސް މުއިއްޒު ދައްކަވާ ވާހަކައަށް އިތުބާރުކުރާ ހަމަ އެކަކު ވެސް މިއަދު ނެތް، ދޮގު ހެދުމުގައި ހައްދުފަހަނައަޅައި ގޮސްފައި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅަށް އެއްވެސް ރައްޔިތަކު މިއަދު އިތުބާރު ނުކުރާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ އެއްބަސްވުންތައް ބެލުމަށް ރައީސް ވިދާޅުވި ނަމަވެސް، އެ އެއްބަސްވުންތައް އޮތީ ކޮންތާކު ކަމާއި އެ ފެންނަން ހުރީ ކޮން ބަޔަކަށް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަން މައުރޫފް ފާހަގަކުރެއްވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި އެއްވެސް ބިމެއް އިކުއިޝަން ކޯސްޓަކާއި ނުލާ މިގޮތަށް އެއްވެސް ބަޔަކަށް ދީފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި ދިން ކަމަށް ބުނާ ފަޅުތައްވެސް ދީފައި ހުރީ އިކުއިޝަން ކޯސްޓާއި އެކު ރިސޯޓު ތަރައްގީ ކުރުމަށް ކަން މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރަސްމާލޭގެ ބިމަކީ ރާއްޖޭގެ ގާނޫނުވެސް ނުހިނގާގޮތަށް ހިލޭ ސާބަހަށް ދިނުމަށް މަސައްކަތް ކުރާ ތަނެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެހެންކަމުން އެ އެއްބަސްވުމުގެ ސައްހަ މައުލޫމާތު ލިބެންދެން ރައްޔިތުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ޖެހޭ ކަމަށެެވެ. އަދި ރާއްޖޭގައި ޔަހޫދީން ވަޒަންވެރި ނުވާނެ ހުރިހާ މަސައްކަތެއް ކުރުމަށް މައުރޫފް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.