ގައުމުން ބޭރުގައި ބާއްވާ ތަމްރީނަކަށް އިންޑިއާ ކަނޑުގެ ސިފައިންގެ 3 އުޅަނދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާ ކަނޑުގެ ސިފައިންގެ "ފަސްޓް ޓްރެއިނިން ސްކޮޑްރަން"ގެ އުޅަނދުތައް ކަމަށްވާ އައިއެންއެސްތިރް، އައިއެންއެސް ސުޖާތާ އަދި އައިސީޖީއެސް ސާރަތީ މާލޭގައި މިއަދު ބަނދަރުކޮށްފައިވާ ކަމަށެވެ.
އެ ތަމްރީން ދަތުރުގެ މަގްސަދަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަލާމަތީ ގުޅުމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމެވެ.
އެގޮތުން، ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމާއި ގުޅިފައިވާ ތަމްރީނުތައް ހިންގުމުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.
އިންޑިއާ އާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދޭތެރެދޭތެރެއިން ތަމްރީނުތައް ކުރިއަށް ގެންދެއެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު "އެކްސަސައިޒް ދޯސްތީ" ގެ ނަމުގައި ވެސް ތަމްރީނުތަކެއް ކުރިއަށް ގެންދެއެވެ.