މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގއ. އަދި ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 13:30 އިން 16:30 އަށެވެ. އެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.
އެއިދާރާއިން ބުނެފައިވަނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އިން ލަފާކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.