ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ގެނެވިފައި ނުވާވަރުގެ ބޮޑު މަޝްރޫއެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއުއާ ބެހޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު، މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ފަލާހް ވިދާޅުވީ، މިފަދަ ބޮޑު ވަރުގަދަ މަޝްރޫއެއް ހިންގައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަން އެމްޑީޕީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު ނުހިންގި ކަމުގައި ވިޔަސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަން ފާހަގަކުރައްވައި ފަލާހް ވިދާޅުވީ، ހާއްސަކޮށް އެ މަޝްރޫއު ހިންގައިފިނަމަ އިންތިހާބު ކާމިޔާބުކުރަން ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ފަލާހް އިތުރަށް ވިދާޅުވީ އީގަލް ހިލްސްގެ މި މަޝްރޫއާ ބެހޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފައްދަން އުޅޭ ސިޔާސީ ހަމަނުޖެހުންތައް އުފެއްދުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެގޮތުން، މިވަރުގެ މަޝްރޫއެއް ރާއްޖެއަށް އައިސްފިކަމަށް ވާނަމަ، ކުރިއަށް އޮތްތަނުގައި މިކުޑަކުޑަ ޤައުމަށް އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ނުހަނު އުފާ ފާގަތިކަން ލިބިގެންދާނެކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ސާފުކޮށް އަދި ތަފްސީލުކޮށް އެނގޭ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.