ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އިސްހާޤް ދާރް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސްގެ އަރިހަށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ރައީސްގެ އަރިހަށް، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޕާކިސްތާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުޢިއްޒު އިސްލާމްއާބާދަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ނައިބު ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ގެންނެވި ވަފްދުގެ ބޭފުޅުންނަށް ދެއްވި ހޫނު މަރުޙަބާއާއި މެހްމާންދާރީއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކި ދާއިރާތަކުން ފުރުޞަތުތައް އެބައޮތްކަން ފާހަގަކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް އިސްލާމީ ޝަޚްޞިއްޔަތުގެ މައްޗަށް ވެސް ރައީސް ވަނީ އަލިއަޅުއްވާލާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޕާކިސްތާނުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ ދެމެދުގައި އޮތް އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙަންމަދު ޝެޙްބާޒް ޝަރީފުގެ ދަޢުވަތަކަށް މިމަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.