ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ހައްޔަރުކޮށްފިއެވެ.

ޒިހާން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދި އެކަން ކުރަން ވަރަށް މަޖާވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ފުވައްމުލަކުގައި ހުއްޓާ ކަމަށެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން މިދިޔަ ސަރުކާރުގައި ޒިހާން ދިޔައީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޗަރަކަށް މަސައްކަތް ކުރަމުންނެވެ. އޭނާ އެމްއެންޑީއެފްއިން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން މި ސަރުކާރުން ޒިހާން އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންދިނެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، 10-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.