ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުންދާ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމާއެކު ޖިނާއީ މައްސަލަތަކުގައި ހެކި ހާމަކުރުމާގުޅޭ އުސޫލުތައް މުރާޖައާކުރުމެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމެވެ.
އެގޮތުން މި ބިލުގެ ދަށުން ކުށް ސާބިތުވުމުން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކުގައި ކުށް ސާބިތުވުމަކާ ނުލައިވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ތައާރަފުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ހަމަމިއާއެކު، އެފަދަ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށް އެ މުދާ ހިފެހެއްޓުމާއި، ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި ތަސައްރުފުކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވާއިރު، ރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައްވެސް ބިލުގައި ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން، ހިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އީމެއިލް އެޑްރެސް[email protected]އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.