މާލޭގައި ފޮލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ ވާހަކަތައް ސްޓޭޓްފާމާ އިން ދޮގުކޮށްފިއެވެ.
ސްޓޭޓްފާމާ އިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ކުންފުނީގެ މައި ސްޓޮކްގައާއި، އަދި އެ ކުންފުނީގެ އެކި ބޭސް ފިހާރަތަކުން ފޮލިކް އެސިޑް ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖެއިން އެ ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
މީގެއިތުރުން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވެއެވެ.
ބޭހާއި ގުޅޭ ގޮތުން، އަދި ސްޓޭޓްފާމާ އިން ފޯރުކޮށްދޭ އިތުރު އެއްވެސް ހިދުމަތެއްގެ ސުވާލެއް އޮތްނަމަ، ނޫސްވެރިންނަށް އަބަދުވެސް އެކަންކަން އޮޅުންފިލުވުމުގެ ފުރުސަތު އޮންނާނެކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.