ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން މިއަދު އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ.
އެއީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓްގެ އިތުރުން ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މ. އަހުލިހަ މުހައްމަދު އަރީޝް އެވެ. އޭނާ އަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެވެ. އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް އޭނާއަށް ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބުވެފައެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގ. މާޅިކަ އަހްމަދު އިމްދާހް މުހައްމަދު އެވެ. އަދި ސަރުކާރުގެ ބޭސް ކުންފުނި - ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ އިސްމާއީލް ފަރުހާދު އަހްމަދު އެވެ.