ރަސްމާލެ މަޝްރޫއުގައި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން ވަކި އިންސައްތައަކަށް ލިމިޓްކުރާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ދަ ޕަލްސް ޕޮޑްކާސްޓުގައި ނޫސްވެރިޔަކު ރަސްމާލެ މަޝްރޫއާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން ދިވެހި ރައްޔިތުކަން ލިބޭ ބައި ގާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާނޭ ކަމަށެވެ.
ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިއަލް ސްޓޭޓްއާބެހޭ ގާނޫނެއް ތައާރަފް ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ އައިސް ރަސްމާލެއިން ޕްރޮޕަޓީ ހޯދާ ފަރާތްތަކަކީ ވަކި އެއްގައުމެއްގެ ބަޔަކަށް ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެކި ގޮތްގޮތަށް ބަލައި އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ކުރިއަށް އޮތްތަނުގަ ވެސް ރާއްޖޭގެ އެއްވެސް ޕްރޮޖެކްޓެއްގެ އެއްވެސް ޕްރޮޕަޓީއެއް ގަނެ ވިއްކާ ކުއްޔަށް ހޯދާ އެފަދަ އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެގޮތުން ގާނޫނުގެ ތެރެއިން އެފަދަ ކަންކަން ހުއްޓުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއަށް ބޭރުގެ ބައެއް ގައުމުތަކުގެ މީހުންނަށް ޕްރޮޕަޓީ ގަތުމުގައި 20 އިންސައްތަ އޮތް ނަމަވެސް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، ބޭނުންވާ ނަމަ ހުރިހާ ޕްރޮޕަޓީއެއްވެސް ގަތުމުގެ ފުރުސަތު ދިވެހިންނަށް އެބައޮތް ކަމަށެވެ.