ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. އިއްޔެ ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިއަދުގެ މަޖިލީހުގައި ވަނީ އެ ބިލުގެ އިބްތިދާއީ ބަހުސް ބާއްވާފައެވެ.

އެގޮތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ދާއޫދު ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓްތަކުގެ އިތުރުން އދ. ގެ ސްޕެޝަލައިޒްޑް އެޖެންސީތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ އިމްތިޔާޒުތައް ސާފުކޮށް ބަޔާންކުރުމަށް އެކުލަވާލި ބިލެއް ކަމަށެވެ. އަދި މި ބިލުގެ މައިގަނޑު މަގުސަދަކީ އެފަދަ ފަރާތްތަކަށް އިމްތިޔާޒުތައް ދިނުމުގައި އަމަލުކުރާނެ ދާއިރާތަކާއި، އުސޫލުތައް އަދި އިޖުރާއަތުތައް ހަރުދަނާ ގާނޫނީ ހަމަތަކެއްގެ މަތިން ކަނޑައެޅުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިބިލު މަޖިލީހަށް ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 43 މެމްބަރުންނެވެ.