2027 ވަނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިޔަން ރުފިޔާގެ ބަޖެޓް އެ އޮފީހަށް ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ، މާލިއްޔަތު ކޮމިޓީން އެބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށްފަހުގައެވެ. ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން މަމްދޫހު ވިދާޅުވީ، 2026 ވަނަ އަހަރުގެ ރިވައިޒް ބަޖެޓަށް ބަލާއިރު އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ކަނޑައަޅައި ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓަކީ މި އަހަރަށް ފާސް ކުރި ބަޖެޓަށްވުރެ ހަ މިލިޔަން ރުފިޔާ މަދު ބަޖެޓެއް ކަަމަށެވެ. އަދި މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާއި މަޝްވަރާކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އަންނަ 2027 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް 2027 ވަަނަ އަހަރަށް ޖުމުލަ 133،590،265 ރުފިޔާގެ ބަޖެޓެއް ދޭން މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބަޖެޓު ފާސްކުރީ އެ އޮފީހުގެ ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ހިމަނާފައެވެ. އޮޑިޓަރ ޖެނެރަލްގެ މުސާރަޔާއި އިނާޔާތްތަކަށް 981،000 ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަފައިވާއިރު އެއީ އެ އޮފީހުގެ ބަޖެޓުގެ އެއް އިންސައްތައެވެ. އަދި މުވައްޒަފުން ތަމްރީނުކުރުމަށް 10،646،080 ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، ހުޅުމާލެގައި ހަދާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތަށް، 43،500،00 ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. އަދި އެ އޮފީހުގެ އިދާރީ ޚަރަދަށް 19،850،659 ރުފިޔާވެސް ހިމަނާފައިވެއެވެ. އެއާއެކު ޖުމްލަ 133،590،265 ރުފިޔާ އެ ބަޖެޓުގައި ހިމެނެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ.އެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ހަމަޖެހިފައިވެއެވެ.