ހަގީގަތުގައި މެންބަރުންނަކީ ވަރަށް ނިކަމެތި ބައެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝާހިދު ވިދާޅުވީ، ބަހުސް ކުރެވެމުން ދާ ޕެޓިޝަން ނުވަތަ ދެކެވެމުންދާ ވާހަކަތަކަކީ އަނެއްކާވެސް މަޖިލިސް މެންބަރުންނާއި ރައްޔިތުން ޖައްސާލުމުގެ ބޭނުމުގައި ބަޔަކު ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.
މެންބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް މިގޮތުގައި ރައްޔިތުންނަށް ހެވާ ލާބަޔާ މަންފާ ހޯދައި ދިނުމަށް ރައްޔިތުން އައްޔަނު ކުރާ މެންބަރުންގެ ގޮތުގައި ހިނގަމުންދާތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ.
މަޖިލީހުގެ މެންބަރުންނަށް އިންޝުއަރެންސް އަދި އިނާޔަތްތައް އޮތީކީ މިއަދު އެކަނި ނޫންކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ، އާންމު ގޮތެއްގައި ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެކޭ ބުނުމުން ގިނަ ބަޔަކު ހީ ކުރަނީ އެއީ ވަރަށް ގިނަ ކަންކަން އެބަޔަކަށް ކުރެވޭ ވަރަށް ބޮޑެތި އިނާޔަތްތަކާއި ހިމާޔަތެއް ލިބޭ ބައެއް ކަމަށެވެ.
މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް އަންނަނީކީ ކޮންމެހެން މުއްސަނދި މަހުޖަނެއް ނުވަތަ ގާނޫނީ ގޮތުން މާބޮޑު ލޯޔަރަކަށް ވެގެން ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ އެދާއިރާއެއްގައި ރައްޔިތުންނާއި ގުޅުން އޮންނަ އަދި އެއޮންނަ ސަރުކާރަކާ ގުޅިގެން ގައުމަށާއި ރައްޔިތުންނަށާއި އެ ދާއިރާއަކަށް ކުރިއެރުން ހޯދައި ދިނުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ތެރެއިން އާސަންދައަށް ހާއްސަކޮށްފައި އޮތީ 2.02 ބިލިއަން ރުފިޔާ އެވެ. މިމަހުގެ އަށް ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އާސަންދައިގެ ބަޖެޓުން އެހާތަަނަށް ހަރަދުވެފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެެ.