މޯލްޑިވްސް ޒަކާތު ހައުސްއިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، މި އަހަރުގެ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026)ގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި އެ މުއައްސަސާ ހަމަޖައްސައިފިއެވެ.
އެންމެ ފުރަތަމަ ބޭއްވުނު އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2024)ގައި ޕެނަލިސްޓެއްގެ ގޮތުގައި އެމްޕީއޭއޯ އިން ބައިވެރިވެފައިވެއެވެ.
ޒަކާތު ހައުސްއިން ވަނީ އެމްޕީއޭއޯއިން މި ކޮންފަރެންސަށް ދޭ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ދަމަހައްޓަމުން ގެންދާ ގުޅުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މި ބައިވެރިވުމުން ރަމްޒުކޮށް ދެނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާކުރުމަށާއި، މަޝްވަރާކޮށް، ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށެވެ. އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައި ވަނީ 28 އޮކްޓޫބަރު 2026 ގައި މާލޭގެ އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އުންމީދުކުރަނީ މި ބައިވެރިވުމުގެ ތެރެއިން އެމްޕީއޭއޯއާ އެކު ގާތުން މަސައްކަތްކުރުމަށާއި، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި މަސައްކަތްތަކަކަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެމްޕީއޭއޯ ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ އިންޒެކް 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ އަދި އިޖުތިމާޢީ އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭނެ ކަަމެއް ކަމަށްވެސް ޒަކާތު ހައުސް އިން ބުނެއެވެ.