ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންޒިޔުލާ ޕޯސްޓްތަކާއި ބައިނަލް ލަގްވާމީ ޖަމިއްޔާ ތަކުގެ އިންތިޔާޒު ތަކާއި ބެހޭ ބިލެއް މަޖިލީހަށް ކުޅުދުއްފުށި އުތުރު ދައިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގައި ޤާއިމް ކުރެވޭ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންޒިޔުލާ ޕޯސްޓްތަކާއި ޔުނައިޓެޑް ނޭޝަންސް ސެންޓަރަލައިޑް އޭޖެންްސީތަކާއި ގުޅުން ހުރި އެހެނި ހެން ބޮޑީތަކާއި އެނޫންވެސް ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާތްތަކާއި އެތަންތަނަށް ނިސްބަތްވާ ފަރާތްތަކަށް ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ހަރުދަނާއި ގާނޫނީ އޮނިގަނޑެއްގެ ދަށުން ދިވެހި ރާއްޖޭގައި ލިބިގެންވާ އިމްތިޔާޒްތައް ކަނޑައަޅާ ބަޔާންކޮށް އެ އިމްތިޔާޒްތަކުގެ ދާއިރާ އެ އިމްތިޔާޒްތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖްރާތްތައް ކަނޑައެޅުމެވެ.
މި ބިލް ހުށަހެޅުމުގެ މަޤްސަދަކީ ބައިނަލްއަގްވާލީ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ހުންނަ ޑިޕްލޮމެޓިކް އަދި ކޮންޒިޔުލާ އޮފީސްތަކަށާއި އެތަންތަނުގެ މުއައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިމްތިޔާޒްތައް ކަނޑައެޅުމެވެ. އ.ދގެ ސްޕެޝަލައިޒްޑް އޭޖެންސީތަކުގެ މުއާހަދާއާއި އެއްގޮތްވާގޮތައް އެފަދަ އިދާރާ ތަކަށާއި ގުޅުން ހުރި ބޮޑީތަކުގެ އިތުރުން އެތްނތަނުގެ މުވައްޒަފުންނަށް ލިބޭނެ އިމްތިޔާޒްތައް ކަނޑައެޅުންވެސް ހިމެނެއެވެ.
މި ޤާނޫނުގައި ބަޔާން ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށާއި އެތަންތަނާއި ގުޅުން ހުރި މީހުންނަށް ލިބޭނެ އިމްތިޔާޒުތައް ކަނޑައެޅުން ހިމެނެއެވެ. އަދި މި ބިލް މުހިންމުވާ ސަބަބުތަކަކީ ދިވެހި ރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ދާއިރާއަށް ބަލާލާއިރު މިހާތަނަށް ނާޒުކު އަދި މުހިންމު ކަންކަން ހިނގަމުން އައިސްފައިވަނީ ވަގުތީ އިދާރީ އުސޫލުތަކަކަށް ވާތީ އެވެ.
އެހެންކަމުން މި ބިލަކީ ހަމައެކަނި އިދާރީ ހުސްކަމެއް ފުރާލުމެއް ނޫން ކަމަށާއި މިއީ ބޭރުގެ އިއްޒަތްތެރިންނާއި މިޝަންތަކަށް ދެވޭ އިމްތިޔާޒުތަކަކީ ދިވެހި ދައުލަތުގެ ގާނޫނީ ވެރިކަމުގެ ރޫލް އޮފް ލޯ ގެ އިމުގެ ތެރެއިން ދެވޭ އެއްޗެއްކަން ކަށަވަރުކޮށް ދައުލަތުގެ މިނިވަންކަމާއި އިސްތިގްލާމްއާއި ހަގީގީ މާނާގައި ދަމަހައްޓައި ދޭނެ ސިޔާސީ އަދި ގާނޫނީ ބާރުވެރި އައްޑަނެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
ވަކި ހާއްސަ ގާނޫނެއް ވުޖޫދުވުމުން ސިޔާސީ ގޮތުން އަންނަ ލޮޅުންތަކަށް މިދާއިރާތައް ސަލާމަތްވެ ބައިލްއަގްވާމީ މައިދާނުގައި ދިވެހި ރާއްޖެއަކީ ހަރުދަނާ އުސޫލުތަކަކަށް ތަބާވާ ފުރިހަމަ ޑިމޮކްރެސީއެއްކަން މުޅި ދުނިޔައް ސާބިތު ކޮށްދޭނެ ބިލެއްކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.