ހުރިހާ ގައުމަކާއެކު ތަފާތު ކުރުމެއްނެތި ޚާރިޖީ ގުޅުން ބައްޓަން ކުރަމުން މިދަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަހްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އެ ބިލުގައި ވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކާއި، ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ކަނޑައަޅާފައެވެ. އަދި އެ އިމްތިޔާޒުތަކުގެ ދާއިރާ އާއި އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާޢަތުތައް ކަނޑައެޅުމަކީ މި ބިލުގެ މަޤްސަދެއްކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލްގެ އިބްތިދާއީ ބަހުސްގައި ވާހަަކަދައްކަވަމުން މެންބަރު ހަސަން ޒަރީރު ވިދާޅުވީ އެއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އެ ބިލަަށް އިޝާރާތްކުރައްވާ ޒަރީރު ވިދާޅުވީ މިއީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއެއްގޮތްވާ ގޮތުގެ މަތިން ޔޫއެން ނުވަތަ ކުރިއަރާފައިވާ ގައުމުތައް ގަބޫލުކުރާ ފަދައިން އެކަންކަންކުރުމުގެ ވިސްނުން އައިސް އެ މަަސައްކަތަށް ފަށައިގަތުން ކަމަށެވެ. ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކުގައި އުޅޭ މީހުން ބޯލަނބަންޖެހޭ ގަވައިދެއް މިހާ ދުވަސްވީ އިރުވެސް މިހާތަނަށް ހެދިފައި ނުވާކަން ފާހަގަކުރައްވާ ޒަރީރު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރާ އުސޫލުން އެކަން ކުރަންޖެހޭ ކަމަށާއި އެ ހެޔޮ ވިސްނުންވެސް އައިސްފައި މި ވަނީ މި ސަރުކާރާއެކުގައި ކަމަށް ވިދާޅުވެފައެވެ.

"ވަރަށް ވަރުގަދަ ހާރިޖީ ސިޔާސަތެއް ނިމިދިޔަ ބައެއް ސަރުކާރުތަކުން ގެންގުޅުނު ވާހަކަދެއްކި އިރުގަ މިފަދަ ކަމެއް އިއްޒަތްތެރި ރައީސް ކޮށްދެވިފައެއް ނެތް. ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިއަދު ތަރުތީބުވަމުން ބައްޓަންވަމުން އެދަނީ ހަގީގަތުގަ މި ފަހުގެ ތާރީޚެއްގަ ނުދެކޭ ފަދަ ހަރުދަނާ ސިޔާސަތުތަކެއް އަދި ތަރުތީބުވެގެން މިދަނީ އެކަންކަމުގެ މައްޗަށް. އަޅުގަނޑުމެން މީގެ ކުރިން ކޮށްފަހުރި ވެރިކަންތަކަށް ޖެހިލާއިރު ކޮންމެސް އިރެއްގަ ރާއްޖޭގެ ހާރިޖީ ގުޅުންތައް އެބޭފުޅުން ބަހައްޓަމުން ކޮށް ތަރުތީބު ކުރަމުން ދިޔައީ އަދި އެ ގުޅުންތައް ބަހައްޓަމުން ދިޔައީ ކިހިނެތްކަން ނަޒަރު ހިންގާލާއިރު މިސާލަކަށް ބައެއް ވެރިކަންތަކުގަ ވަރަށް ގާތްވާނެ އޮޅުދޫ ކަރައާ ދެން ސީނު ކަރަ ވަރަށް ދުރުކޮށްލާނެ ނުވަތަ ޔޫރަޕުގެ ބައެއް ގައުމުތައް ވަރަށް ދުރުކޮށްލާނެ. އަނެެއް ބައި ވެރިކަމުގަ ސީނު ކަރައާ ވަރަށް ގާތްކޮށްލާފަ އަނެއްކާ އޮޅުދޫ ކަރަވެސް ދުރުކޮށްލާނެ. މި ދަންނަވަނީ މުޅި ދުނިޔެއަށް ނަޒަރު ހިންގާއިރުވެސް އެންމެ ބޮޑު އާބާދީ އޮތް ގައުމު އަދި އެންމެ ބާރަށް ކުރިއަރަމުންދާ ގައުމު."

މެންބަރު ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާތަނަށް ވެރިއްގެ ވެރިކަމެއްގައި ހުރިހާ ބައްރެއްގެ ގައުމުތަކާއެކު ބައިނަލްއަގްވާމީ ފެންވަރުގައި ތަފާތުކުރުމެއްނެތި ހާރިޖީ ގުޅުން ގާއިމުކުރެވުނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ކަމަށް މެންބަރު ހަސަން ޒަރީރު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ރާއްޖެ ކުޑަނަމަވެސް ރާއްޖޭގެ ރިސޯސަސް މަދު ނަމަވެސް ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުން މިދަނީ ބައިނަލްއަގްވާމީ ފެންވަރުގައި އެކަން އެންމެ ރަނގަޅަށް ކުރަންޖެހޭ އުސޫލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ރާއްޖޭގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ސަބަބުން މީގެ ކުރިން ރާއްޖެ ނުދެކޭފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަންނަމުންދާ ކަމަށާއި ރާއްޖޭގެ ވެރިކަމަށާއި މުއައްސަސާތަކަށް ބޭރު ގައުމުތަކުން މިއަދު އިތުބާރުކުރާކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންސިއުލަރ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި، މުވައްޒަފުންގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ. އަދި ކޮންސިލަރ ޕޯސްޓްތަކުން ޑިއުޓީ އާއި ޓެކްސް ދެއްކުމުން އިސްތިސްނާ ވާނެ ޙާލަތްތަކާއި އެނޫން ހާލަތްތައް ބިލުގައި ހިމަނާފައިވެއެވެ. އެ ބިލުގައި ބުނާގޮތުން، ކޮންސިއުލަރ ޕޯސްޓުގެ އަމިއްލަ ބޭނުމަށް، އޮފިސަރެއް ނުވަތަ ގޭބީސީގެ އާއިލާގެ އަމިއްލަ ބޭނުމަށް، ވިޔަފާރީގެ ބޭނުމަށް ނުވާގޮތަށް، ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރުމަށް އެތެރެކުރާ މުދަލުން ޓެކްސް އާއި ފީ ނެގުން އިސްތިސްނާ ވާނެއެވެ. ނަމަވެސް ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންނަށް އެ އިސްތިސްނާ ލިބޭނީ އެ ފަރާތަކުން ދިރިއުޅުން ޤާއިމްކުރާތާ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް އެތެރެކުރާ މުދަލުގެ މައްޗަށް ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ. ހަމައެހެންމެ އެ ބިލުގައި ކޮންސިއުލަރ ޕޯސްޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ނުވަތަ ދިވެހިރާއްޖޭގެ ވަޒަންވެރިންނަށް ލިބޭނެ އިމްތިޔާޒުތައް ހިމަނާފައިވެއެވެ. އަދި އެ ބިލުގައި އެހެނިހެން ބައިނަލްއަޤުވާމީ އިދާރާތަކަށް ލިބޭ އިމްތިޔާޒުތައް ވެސް ހިމަނާފައިވާއިރު، އެ އިމްތިޔާޒުތައް މާނަކުރާނެގޮތުގެ ތަފްސީލްތައްވެސް ވަނީ ހިމަނާފައެވެ.