އިއްޒަތްތެއެކޭކީ ކަމުގައި ވިޔަސް، މި މަޖިލީހަށް ވަންނަނީ ރައްޔިތުންދޭ މަގާމެއްގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ކަމަށް ހުޅުމާލެ އުތުރު ދާއިރާ ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެނިޝަނަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ހުޅުމާލެ އުތުރު ދާއިރާ ހުސައިން ޝަރީފް ވިދާޅުވީ، އާންމު ރައްޔިތުންނަށް ނުލިބޭ ހާއްސަ އިންޝޫރެންސެއް ރައްޔިތުން ތަމްސީލްކުރާ މެންބަރުންނަށް ލިބުމާއި ދޭތެރޭގައި މިއޮތް ކަންބޮޑުވުމާއި ޕެޓިޝަންއެއް ހުށަހެޅީތީ ވަރަށް އުފާ ކުރާ ކަމަށެވެ. ސަބަބަކީ ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ މަތީގައި ތިބޭ ބައެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

ދައުލަތް ފެށިގެން އަންނަ ހިސާބުގައި އެންމެ މަތީގައި ތިބެނީ ކޮންބައެއްތޯ އަޅުގަނޑުމެން މި ބުނަނީ. އަޅުގަނޑުމެން މި ބުނަނީ ދައުލަތް ފެށިގެން އަންނަ އިރުގައި ދައުލަތުގެ އެންމެ މަތި ހަރިފަތުން ބަސް ބުނުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންނަށޭ. ދެން އޭގެ ދަށަށް އަޅުގަނޑުމެން ތަރުތީބުކޮށްލާ ހުރިހާ ދިމާލެއްގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި މިއަންޔަން ކުރަނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް އެއީ ސްޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރުކަމުގައި ވިޔަސް.

ހުޅުމާލެ އުތުރު ދާއިރާ ހުސައިން ޝަރީފް

މެންބަރު ވިދާޅުވީ، އެ ތިން ބާރުވެސް އަމިއްލަ ހިތުގެ އަޑިން ޤަބޫލު ކުރަންޖެހޭ ކަމަކީ ތިމަންނަމެން އަންޔަން ކުރާ ރައްޔިތުން ކަަމަށާއި މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ތިމަންނަމެން ހިޔާރުކުރާ ބަޔަކީ ރައްޔިތުން ކަމަށެވެ. އެހެންކަމުން އީ ޕެޓިޝަން ނޫނީ ޕިޒިކަލްކޮށް ޕެޓިޝަންއެއް ލައިގެންވެސް ކޮންމެ ގޮތަކަށްވެސް މިކަންކަން އޮޅުން ފިލާދާގޮތަށް އެބޭފުޅުންނަށް އެ ސުވާލު އުފެއްދުމުގެ ހައްގު އޮންނާނެ ކަން ފާހަގަކުރައްވާފައެވެ. އެ ސުވާލު އުފައްދައިގެން ވާހަކަދެއްކުމުގެ އަދި އެބޭފުޅުން ކަންބޮޑުވާކަމެއް އޮތިއްޔާމު އެވާހަކައެއްވެސް މިތަނަށް ސުވާލު ކުރުމުގެ ހުރިހާ ހައްގެއް ރައްޔިތުންނަށް ލިބިގެން ވާނެ ކަމަށް މެންބަރު ވިދާލުވިއެވެ.

ކަންބޮޑުވާ މައްސަލައަކީ މިއަދު ރައްޔިތުން މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުމެންނަށް ކަނޑައަޅާފައި ހުންނަ ޕެކޭޖެއްގެ ތެރެއިންދޭ އިންޝޫރެންސް ބޭނުން ކުރަނީ ކިތައް ބޭފުޅުންތޯ އަހަރަކު ނިމޭ އިރުވެސް ހިސާބު ހައްދަވާލަންޖެހޭ. އެއް ކަންތައް ދައުލަތުން އަޅުގަނޑުމެންނަށް ދީފަ އިންނަ ގާނޫނު އަސާސީން މިކަން ލާޒިމްކުރުވާފަ މިއޮތީ.

ހުޅުމާލެ އުތުރު ދާއިރާ ހުސައިން ޝަރީފް

ދިވެހި ރައްޔިތަކު ކަންބޮޑުވެގެން މިއުޅޭ ސަބަބަށް ރުޖޫއަ ވާންޖެހޭ ކަން ފާހަގަކޮށް މެންބަރު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަމީހަށް އިންޝޫރަންސްގެ ތެރެއިން ލިބޭ ފަސޭހަ ޕޮލިސީ ގާއިމްވެފައި އޮންނަ ގޮތަށް އާންމު ރައްޔިތުންނަށް ކަމެއް ދިމާ ވެއްޖެ ހާލަތެއްގައި އޭނާއަށް ޖެހޭ މުހުތާދު އަވަހަށް ފަސޭހަ ވާނެ ގޮތަކަށް ނިޒާމް ގާއިމް ވެފައި އޮތުމުން އުފެދޭ ސުވާލުތަކަށް ޖާގަ ހަނިވެގެން ދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.