ދިވެހިރާއްޖެ އިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާއަށް އަރުވައިފިއެވެ.

އިއްޔެ ހެނދުނު ބުރުނާއީގެ ރިޔާސީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައި ބޭއްވި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބުރުނާއީގެ ރަސްގެފާނަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ސަފީރު ޑރ. ޝަބީނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ރަސްގެފާނު ވަނީ ދެއްވާފައެވެ.

ސަފީރު ޑރ. ޝަބީނާގެ ވާހަކަފުޅުގައި، ރާއްޖެއާއި ބުރުނާއީއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެއްވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، ފާތިމަތު ޝަބާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ބުރުނާއީ ދާރުއްސަލާމްގެ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް އައްޔަނުކުރައްވާފައިވާ، ޑރ. މަރިޔަމް ޝަބީނާ އަހުމަދަކީ މިހާރު ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ރިޕަބްލިކް އޮފް ދަ ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ވެސްމެއެވެ.