މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކަށް އަމަލުކޮށްފައިވާ ކުންފުންޏަކީ އެސްޓީއޯ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކުރި 2025 ވަނަ އަހަރުގެ ކޯޕަރޭޓް ގަވާނަންސް ރިވިއުއިން ދައްކައިފިއެވެ.

މި ރިވިއުގައި އެސްޓީއޯ އިން ވަނީ 97.5 އިންސައްތައިގެ ކޮމްޕްލަޔަންސް ރޭޓެއް ހާސިލުކޮށްފައިވާއިރު، މި ރިވިއުއަކީ 30 ޖޫން 2026 އާ ހަމައަށް 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް ޝާއިއުކޮށްފައިވާ ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ރިޕޯޓެކެވެ. ސީއެމްޑީއޭގެ ރިވިއުގައި އެސްޓީއޯ އިން ހާމަކަން ބޮޑުގޮތެއްގައި ކޮށްފައިވާ ބައެއް މަސައްކަތްތައް ފާހަގަކޮށްފައި ވާއިރު، އެގޮތުން 2025 ވަނަ އަހަރު އެސްޓީއޯގެ ޑިރެކްޓަރުން އަށް ތަމްރީނު ޕްރޮގުރާމް ފުރިހަމަކޮށްފައިވާ ކަމަށާއި އެކަމަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ސީއެމްޑީއޭ އިން ބުނި މިއީ މާކެޓުގައި ޑިރެކްޓަރުންގެ ތަމްރީނާ ގުޅޭގޮތުން ހާމަކޮށްފައިވާ އެންމެ ފުރިހަމަ މަޢުލޫމާތު ކަމަށެވެ.

އެ ރިޕޯޓުގައިވާގޮތުން، އެސްޓީއޯގެ އިންޓަނަލް އޮޑިޓް އޮނިގަނޑާއި ޑިރެކްޓަރުންގެ ބޯޑުގެ އިންތިހާބުގައި ބޯޑުގެ ތިންބައިކުޅައެއްބައި ޑިރެކްޓަރުން ކޮންމެ އަހަރަކު އިންތިހާބަށް ހުށަހެޅެންޖެހޭ މިންގަނޑަށް ފުރިހަމައަށް އަމަލުކުރި ހަމައެކަނި ކުންފުންޏަކީވެސް އެސްޓީއޯ އެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ރިޕޯޓިން ސައިކަލްގައި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" މަޖުބޫރުކުރަން ނިންމާފައިވާއިރު، މިހާރުވެސް އެ ފްރޭމްވޯކާ އެއްގޮތަށް ސަސްޓެއިނަބިލިޓީއާ ގުޅޭ މައުލޫމާތުތައް އާންމުކުރަމުންދާ 2 ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނޭކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.