ޤަވާއިދާ ޚިލާފަށް ހިނގަމުންދާ ކެފޭތަކަށް ޚާއްސަ ކޮށްގެން ހިންގި އޮޕަރޭޝަނެއްގައި 22 ބިދޭސީއަކު ބަލައި ފާސްކޮށް 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބުނީ ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިނގަމުންދާ ކެފޭތަކަށް ޚާއްސަ ކޮށްގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ތަންތަނުގައި މަސައްކަތް ކުރާ 22 ބިދޭސީއަކާ ސުވާލުކޮށް ލިޔުންތައް ބަލާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން 3 ބިދޭސީއަކު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ އެ 3 މީހުންވެސް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގަވައިދުގެ ތެރެއަށް ވެއްދުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑިޕޯޓު ކޮށްފައެވެ.