މަޝްރޫއުތައް ނިންމުމަށް 58 ބިލިޔަން ރުފިޔާ ބޭނުންވާނެކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު ޝަމްހީދު ވަނީ 2 މިނިސްޓްރީގެ ދަށުން ފެށިފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާ ކަމަށް ލަފާ ކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބާތޯއާއި އަދި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ ވަރެއްގެ ފައިސާއެއްތޯ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، މަޝްރޫތައް ނިންމުންމަށްޓަކައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ބަޖެޓަކީ 58،831،473،267 ރުފިޔާ ( ފަންސާސް އަށް ބިލިއަން އަށް ސަތޭކަ ތިރީސް އެއް މިލިއަން ހަތަރު ސަތޭކަ ހަތްދިހަ ތިން ލައްކަ ދުއިސައްތަ ފަސްދޮޅަސް ހަތް ރުފިޔާ ) ކަމަށެވެ.

2026 ވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ގޮތުން މަޝްރުއުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭންއާ އެއްގޮތަށް، މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫއުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ވަޒީރު މުއްތަލިބު ވަނީ، މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުގައި 5 އެއާޕޯޓެއްގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫއުތައް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެކަމަށް ލަފާނުކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.