ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވާފައެވެ.
އެ ބިލުގައި ވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކާއި، ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ކަނޑައަޅާފައެވެ. އަދި އެ އިމްތިޔާޒުތަކުގެ ދާއިރާ އާއި އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާޢަތުތައް ކަނޑައެޅުމަކީ މި ބިލުގެ މަޤްސަދެއްކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން އެ ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންސިއުލަރ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި، މުވައްޒަފުންގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ. އަދި ކޮންސިލަރ ޕޯސްޓްތަކުން ޑިއުޓީ އާއި ޓެކްސް ދެއްކުމުން އިސްތިސްނާ ވާނެ ޙާލަތްތަކާއި އެނޫން ހާލަތްތައް ބިލުގައި ހިމަނާފައިވެއެވެ. އެ ބިލުގައި ބުނާގޮތުން، ކޮންސިއުލަރ ޕޯސްޓުގެ އަމިއްލަ ބޭނުމަށް، އޮފިސަރެއް ނުވަތަ ގޭބީސީގެ އާއިލާގެ އަމިއްލަ ބޭނުމަށް، ވިޔަފާރީގެ ބޭނުމަށް ނުވާގޮތަށް، ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރުމަށް އެތެރެކުރާ މުދަލުން ޓެކްސް އާއި ފީ ނެގުން އިސްތިސްނާ ވާނެއެވެ. ނަމަވެސް ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންނަށް އެ އިސްތިސްނާ ލިބޭނީ އެ ފަރާތަކުން ދިރިއުޅުން ޤާއިމްކުރާތާ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް އެތެރެކުރާ މުދަލުގެ މައްޗަށް ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބިލުގައި ކޮންސިއުލަރ ޕޯސްޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ނުވަތަ ދިވެހިރާއްޖޭގެ ވަޒަންވެރިންނަށް ލިބޭނެ އިމްތިޔާޒުތައް ހިމަނާފައިވެއެވެ. އަދި އެ ބިލުގައި އެހެނިހެން ބައިނަލްއަޤުވާމީ އިދާރާތަކަށް ލިބޭ އިމްތިޔާޒުތައް ވެސް ހިމަނާފައިވާއިރު، އެ އިމްތިޔާޒުތައް މާނަކުރާނެގޮތުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ.