ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ސ. ހުޅުދޫ، ބަގީޗާގޭ އަޙްމަދު ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެ މަޤާމަށް އަޙްމަދު ޝަފްނީޒް އައްޔަން ކޮށްފައިވަނީ 55 މެންބަރުންގެ ވޯޓާއެކުއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަކީ، ސ. ހުޅުދޫ ބަގީޗާގެ އަހުމަދު ޝަފްނީޒު، އާއި، ވ. މިޔަރެސް، އަހުމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނޑުގަސްދޮށުގެ، މަރްޔަމް ޖައިދާއެވެ. މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއުއިން، ޝަފްނީޒް ވަނީ 96.20 އިންސައްތައިގެ މަތީ މާކްހެއް ހޯއްދަވާފައެވެ.