ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބު މިހެން ވިދާޅުވީ، އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ރަށްރަށާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
އެގޮތުން ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، އެވުޒާރާގެ ބެލުމުގެ ދަށުން މިވަގުތު ކޮންޓްރެކްޓް ކުރެވިގެން ރާއްޖޭގެ އެކި ސަރަހައްދުގައި 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ލ. އިސްދޫ ކަލައިދޫ އެއަރޕޯޓުގެ މަޝްރޫއު އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާތީ އެ މަޝްރޫއަށް ބޭނުންވާ 600 މިލިޔަން ރުފިޔާ މިހާރު ވަނީ ބަޖެޓްގައި ހިމަނައި ހަމަޖައްސާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މި ވަގުތު މަސައްކަތް ކުރިއަށްދާ 5 އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓް، ހދ. މަކުނުދޫ އެއާޕޯޓް، ފ. މަގޫދޫ އެއާޕޯޓް، ރ. އަލިފުށީ އެއާޕޯޓް އަދި އިސްދޫ ކަލައިދޫ އެއާޕޯޓެވެ. މިގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި އެއާޕޯޓް ތަރައްޤީކުރުމަށް 540 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.