ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހުއެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، ސަމޭދާން / ހދ. ކުޅުދުއްފުށި، އުމުރުން 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.