ރާއްޖޭގެ ހުރިހާ ހިސާބެއްގައި 1273 ޕްރޮޖެކްޓެއް މިވަގުތު ސޮއިކުރެވި ހިނގަމުންދާ ކަމަށް މާލީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއައިން ކުރިއަށް ގެންދިޔަ އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މެދު އިރުމަތީގެ ހަގުރާމައާއެކު ލޮޖިސްޓިކްކަންތައް ހުރިގޮތުން ރޮކް ބޯލްޑާޒްއާއި އެހެން ބައެއް މެޓީރިޔަސް ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

އެހެންކަމުން އެދަތިތަކާއެކު ކޮންމެވެސް ވަރަކަށް މަސައްކަތްތައް ލަސްވެގެން ގޮސްފައިވާކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

ޕްރޮޖެކްޓްސްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރަޔޮޓައިޒްކޮށްގެން އެ ވަޒީރަކު ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވއިގެން އަދި އަޅުގަނޑުމެން އެ ޕްރަޔޮޓިސްއާއި އެއްގޮތަށް ފައިސާވެސް އެލޮކޭޓް ކުރަމުން މިދަނީ.

މާލީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު

އެހެންކަމުން ހުރިހާ ރަށެއްގެ ވެސް ހުރިހާ ޕްރޮޖެކްޓަކަށް އިސްކަންދެވިފައިވާ ގޮތަކަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.