ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެކީތެރިކަންދޭ 'ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒު ކުރުމަށް، މާލީ ހަތަރު އިދާރާއަކާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ. މީގެ އިތުރުން ބޭންކުތަކާއި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މުޙައްމަދު ޝަރީފް އާއި އެމް.އައި.ބީގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ، އެޗް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު، އަދި އެމް.އެފް.އެލް.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.
ހައުސިން މިނިސްޓްރީން ބުނީ ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ)ގެ ދިރާސާތަކުން ދައްކާފައި ވަނީ، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތައް ކަމަށެވެ. ސަރުކާރުން ތަޢާރަފްކޮށްފައިވާ "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަދު އިތުރުކުރެވިގެންދިޔަ ދެ ބައިގެ މަޤްޞަދަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ، މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަދި އަލަށް ގެދޮރު ގަންނަ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމް އެކުލެވިގެން ވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ.
ހެލްޕް ޓު ބިލްޑް ސްކީމްގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ބައި އަމާޒުކޮށްފައި ވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. އޭގެ ތެރޭގައި (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނޭނެ) ކަމަށް މިނިސްޓްރީން ބުނެއެވެ.
ހެލްޕް ޓު ބިލްޑްގެ ދަށުން އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ދެ ލައްކަ ރުފިޔާއާ ހަމަޔަށް ސަރުކާރުން ހިލޭ އެހީ ދޭނެ ކަމަށާއި އާއިލީ ބިމެއްގައި އެއްފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތްކުރަން ބޭނުންވާ ހާލަތެއްގައި ބޮލަކަށް ދެ ލައްކަ ރުފިޔާގެ މަގުން 1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނުގެ އިކުއިޓީ ޕޭމަންޓުގެ ގޮތުގައި ހަމަޖައްސައިދޭނެ ކަަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި އުސޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަނި ކަމަށާއި ކުރެހުމާއި ބީއޯކިއުއަށް ބަލައި، 1 މިލިއަން ރުފިޔާއަށްވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް ދެ ލައްކަ ރުފިޔާ ކަމަށާއި މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފި ނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ހެލްޕު ޓު ބައި އެފޯޑަބްލް ހައުސިން ސްކީމްގެ ދަށުން ޕީޕީޕީ އުސޫލުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބްލް ހައުސިން ޔުނިޓެއް ގަތުމަށް 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެ ކަމަށާއި މިއީ 2024 ވަނަ އަހަރުގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގާ ސްކީމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ރިއަލްއެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެ ކަމަށާއި މި އެހީގެ ފައިސާ މާލީ އިދާރާތައް މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މިގޮތުން ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ އަދަދު އުނިކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.