އަންނަ އަހަރު ނިމުމުގެ ކުރިން ޖުމްލަ 442 އޮޑިޓެއް ފުރިހަމަކޮށް، އޭގެ ރިޕޯޓުތައް އާންމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފިއެވެ.
އޮޑިޓް އޮފީހުގެ މި އަހަރުގެ ބަޖެޓާއި މަސައްކަތްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ތަފާސްހިސާބުތަކުގައި އޮޑިޓް އޮފީހުން ބުނީ މި އަހަރުގެ މިހާތަނަށް 183 އޮޑިޓެއްގެ މަސައްކަތް ނިންމައި އޭގެ ރިޕޯޓުތައް ޝާއިއުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކުގެ 62 އޮޑިޓަކާއި، ސަރުކާރުގެ ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ 35 އޮޑިޓެއްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 34 އޮޑިޓު ކަމަށް އެ އޮފީހުން ހާމަކުރެއެވެ. އެ ކޮމިޓީގައި އޮޑިޓު އޮފީހުން ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު 259 އޮޑިޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މިހާރު ފަށާފައިވާ ބައެއް މަސައްކަތްތަކުގެ ތެރެއިން 120 އޮޑިޓެއްގެ މަސައްކަތް ނިންމައި ރިޕޯޓު ނެރެވޭނީ އަންނަ އަހަރުގެ ތެރޭގައިކަންވެސް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ޖުމްލަ 394 އޮޑިޓެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށްވެސް އޮޑިޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.