ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނެފިއެވެ.

ޕާކިސްތާނުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20-22 އަށެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަހު، ޕާކިސްތާނަށް ރާއްޖޭގެ ރައީސަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާވެސް ވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެެވެ.

ޕާކިސްތާނުގެ "ދަ އިންޓަނޭޝަނަލް ނިއުސް ޕާކިސްތާން (ދަ ނިއުސް.ޕީކޭ)" އިން ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި 10 އަހަރަށް ފަހު ދިވެހި ދައުލަތުގެ ވެރިއަކު ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާތީ ރައީސް މުޢިއްޒުގެ ދަތުރުފުޅަށް އެ ގައުމުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެކަމުގެ ތައްޔާރީތައް ފެށުމުގެ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަސްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ ބައްދަލުވުމުގައި ރިވިއުކުރީ ބައިލެޓަރަލް އެޖެންޑާ، ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، މޫސުމަށް އަންނަ ބަދަލު، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އަމާޒުކުރަން ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

މިގޮތުން ރައީސްގެ ދަތުރުފުޅުގައި ދެ ގައުމުން އެމްއޯޔޫތަކާއި އެއްބަސްވުންތަކުގައި ސޮއިކުރާނެ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެ އެވެ.

މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ މަތީގައެވެ. މި ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.

މީގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތައް ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަަށް އަލުން ދިރުން ގެނައުމާ ބެހޭ ގޮތުން ވެސް ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ދެ ގައުމުން މަޝްވަރާކުރާނެ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.