އައު ޤަވާއިދުގެ ދަށުން މިހާތަނަށް 34 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށެވެ. ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން މީގެ ކުރިން ވަނީ ޝާއިޢުކޮށްފައެވެ. އެކޮމިޝަނުން ބުނީ މި ޤަވާއިދަކީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އަލަށް އެކުލަވައިލި، ޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ، 5 އަހަރު ދުވަސް ކަމަށާއި، ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށެވެ.
އަލަށް އެކުލަވާލި ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ބަހާލާފައިވާއިރު އޭގެ ތެރޭގައި ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް ހިމެނެއެވެ. އަދި މި 4 ބާވަތް ހިންގޭނެ އެކި ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަނާއި އިލެކްޓްރޯނިކް މީޑިއާ ވަނީ ކަނޑައަޅާފައެވެ. މި ޤަވާއިދުގެ ދަށުން މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާ ކޮމިޝަނުން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރީ-ރަޖިސްތްރީ ކުރުމުގެ މުއްދަތު ހަމަވާން 9 ދުވަހަށް ވެފައިވާއިރު، މިހާތަނަށް 140 ފަރާތަކުން ވަނީ ރަޖިސްޓްރީކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައެވެ. މީގެ ތެރެއިން 66 ފޯމަކީ، ރަޖިސްޓްރީ އައު ކުރުމަށް އަދި 67 ފޯމަކީ އަލަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކެކެވެ. އެ ކޮމިޝަނުން ބުނީ އޭގެ ތެރެއިން 34 ފޯމު ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި 18 ފޯމެއް އެކި ސަބަބުތަކާއިހުރެ ބާތިލުކޮށްފައިވާ ކަމަށެވެ.
މީޑިއާ ކޮމިޝަނުން ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު މި މަހުގެ 27 އާ ހަމައަށް ހަމަވާނެ ކަމަށް ބުނެފައި ވާއިރު، އެ މުއްދަތާ ހަމައަށް ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެ ގަވައިދުގެ ދަށުން ނޫހުގެ ރަޖިސްޓްރީ ބާޠިލުވާނެ އިތުރު ސަބަބެއްގެ ގޮތުގައި ނޫސް މަޖައްލާއެއްގައި ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަސް ވުން ވެސް ހިމެނެއެވެ.