ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގުމަށް ހަމަޖެހިފައިވާ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ( ކުޑޫ)ފޮނުއްވި ސިޓީއަކަށް ޖަވާބުދެއްވައި ފޮނުއްވި ރަސްމީ ސިޓީގައެވެ.

ހައުސިންގ މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް އިންޓަރނޭޝަނަލް ޕްރޮޕަޓީސް އެލްއެލްސީއާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓްކޮށް ފައިނަލް ކުރުމުގެ ފްރޭމްވޯކް ހިމެނޭ "ކޮމަރޝަލް ޓަރމްސް" އެއްބަސްވުމެއްގައެވެ. މި މުޢާމަލާތް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގެ ދަށުން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީއުސޫލު) ގެ މަގުންނެވެ. އަދި 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބަޔާންކުރެއެވެ.

މި މަޝްރޫއުން ދައުލަތަށް ލިބޭ މާލީ މަންފާތަކަށް ބަލާއިރު، ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީން 10 އިންސައްތަ ބިމުގެ ޕްރީމިއަމްގެ ގޮތުގައި ދައުލަތަށް ލިބޭނެއެވެ. އޭގެ އިތުރުން، އެޑްވާންސް ފައިސާގެ ގޮތުގައި ލިބޭ 500 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫއަށެވެ. މި އެއްބަސްވުމުގެ ދަށުން ހިންގާ 500 މިލިއަން ޑޮލަރުގެ ހައުސިންގ މަޝްރޫޢަށް ދިވެހި ސަރުކާރުން އެއްވެސް މާލީ އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ހަމައެއާއެކު، މަޝްރޫޢުގެ ތެރެއިން ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓް އަގުން 4 އިންސައްތަ ސަރުކާރަށް ފީގެ ގޮތުގައި ލިބިގެންދާނެއެވެ. އަދި އިޤްތިޞާދީ އެކި ޙަރަކާތްތަކުން ލިބޭ ޓެކުހުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މަޝްރޫއުތަކާ ހިލާފަށް، މި މަޝްރޫއަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް މައަފުކޮށްދީފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ވަނީ މި މަޝްރޫއުން ލިބޭ މާލީ މަންފާ، 2022 ވަނަ އަހަރު އެކުލަވާލި ކްރޮސް-ސަބްސިޑީ ފޯމިއުލާއާ އަޅާކިޔާފައެވެ. އެގޮތުން އެ ފޯމިއުލާއަށް ބަލާއިރު، މާލެ އަތޮޅުން 500 ހެކްޓަރުގެ ފަޅެއް 99 އަހަރަށް ދީގެން އެޑްވާންސްކޮށް ލިބޭނީ 85.75 މިލިއަން ޑޮލަރެވެ. އަދި ހިއްކާފައިވާ ބިމެއް ނަމަ އެޑްވާންސްކޮށް ލިބޭނީ 316 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، އެ އުސޫލުން ކުލީގެ ގޮތުގައި އަހަރަކަށް ލިބޭނީ 2 މިލިއަން ޑޮލަރު (99 އަހަރަށް ޖުމްލަ 198 މިލިއަން ޑޮލަރު) ކަމަށްވާއިރު، ރަސްމާލެ މަޝްރޫޢުން ދައުލަތަށް ލިބިގެންދާ މާލީ މަންފާ އެތައް ގުނައަކަށް ބޮޑުކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.