ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ދިވެހިރާއްޖޭގައި ފަށައިފިއެވެ.

ޑަބްލިއުއެޗްއޯގެ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ބައިވެރިވެވަޑައިގެންފައި ވެއެވެ. 2026 އޮކްޓޫބަރު 18 އިން 22 އަށް މާލޭގައި ކުރިއަށްދާ މި މުހިންމު ބައްދަލުވުމަކީ، ބައިނަލްއަގުވާމީ 42 މަންދޫބުންނާއި، ސަރަހައްދީ ސިއްހީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" (ޕީ.އައި.ޕީ) ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ޖީ.އައި.އެސް.އާރް.އެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.

ހެލްތު މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ގީލާ ވަނީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމާއި، ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށެވެ. ޑަބްލިއުއެޗްއޯގެ ސަރަހައްދީ މި މުހިންމު ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއީ ސަރަހައްދީ ރޯޑްމެޕްތަކާ (2026-2031) އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމަކީ، ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި އެކަމާ ގުޅޭ ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ. މީގެ ތެރޭގައި އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ (SARI/ILI) ގުޅޭ އުސޫލުތައް އަދާހަމަކުރުން ހިމެނެއެވެ. އަދި 'ޕެންޑަމިކް ފަންޑް' ބޯޑުގައި މިނިސްޓަރު ގީލާ ރާއްޖެ ތަމްސީލުކުރެއްވުމުގެ ސަބަބުން، ްރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ނާޒުކު ހާލަތްތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭކަން ކަށަވަރުވެގެންދާނެއެވެ.

ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (UKHSA) އާއި ޑަބްލިއު.އެޗް.އޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިނިސްޓްރީން ބުނީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން، ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ.