ސައިބާ ކުށްތަކަށް އާންމުންގެ ހޭލުންތެރިކަން އަދިވެސް ވަރަށް ކުޑަ ކަމަށާއި، އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން ނެރުއްވި ޚާއްސަ ޚިތާބުގައެވެ.

ސީޕީ ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުން އިންޓަރނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާއިރު، ރާއްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދައި، އެކަކު އަނެކަކާ ގުޅިލާމެހިފައިވާ މުޖުތަމައެއްކަމަށެވެ. މި ކުރިއެރުމާއެކު ދިރިއުޅުމުގެ އެކި ދާއިރާތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔަ ނަމަވެސް، އިންޓަރނެޓް މެދުވެރިކޮށް ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް މިފަދަ ނުރައްކާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ހިދުމަތްތަކާއި، މާލީ މުއާމަލާތްތަކުގެ އިތުރުން ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލައިޒް ވަމުންދާ މި ދަނޑިވަޅުގައި، މަކަރާއި ހީލަތުން ކުށްކުރުމުގެ ފުރުސަތު ސައިބަރ ވެށީގައި ފުޅާވަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހެޅުނު މައްސަލަތަކުގެ 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސައްހަނޫން މެސެޖާއި، އަޑާއި، ވީޑިއޯ އުފައްދައި، އޮޅުވާލައިގެން މީހުން މަޅީގައި ޖެއްސުމަށް ކުށްވެރިން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މިއީ ހަމައެކަނި ފަރުދުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި، މުއައްސަސާތަކުގެ އިތުބާރާއި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ނުރައްކަލެއް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، މިފަދަ ހާދިސާތައް މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަކުރުން ކަމަށެވެ. ވަކިން ހާއްސަކޮށް، ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ވަނުމާއި، އޯޓީޕީ (ވަން-ޓައިމް ޕާސްވޯޑް) އަދި ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމުގެ އިތުރުން، އޮންލައިންކޮށް ދިމާވާ ނުދަންނަ ފަރާތްތަކަށް އިތުބާރުކުރުމަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ޒަމާނީ ވަސީލަތްތައް ހޯދައި، ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަމަށާއި، މުޅި ރާއްޖެއަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. ނަމަވެސް، ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ނޫން ކަމަށާއި، އެކަމުގައި މުޅި މުޖުތަމައާއި ހުރިހާ މުއައްސަސާތަކެއްގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ކޮންމެހެން ބޭނުންވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެންކަމުން، ވަރުގަދަ ޕާސްވޯޑާއި 'ޓޫ-ފެކްޓަރ އޮތެންޓިކޭޝަން' ބޭނުންކުރުމަށާއި، ޒާތީ މައުލޫމާތާއި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، މުއައްސަސާތަކާއި ވިޔަފާރިތަކުންވެސް އާންމުންގެ ޒާތީ މައުލޫމާތަކީ ރައްކާތެރިކުރަންޖެހޭ އަމާނާތެއްގެ ގޮތުގައި ދެކި، އައިޓީ ނިޒާމުތައް އަބަދުވެސް އަދާހަމަކޮށް، ސައިބަރ ހަމަލާއެއް ދިމާވެއްޖެ ހާލަތެއްގައި ވަގުތުން ފިޔަވަޅު އަޅައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށް ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މި ހިނގާ އޮކްޓޯބަރު މަހު މާލެއާއި އަތޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި އާއިލާގެ އެތެރޭގައި މިފަދަ ކަންކަމާމެދު ވާހަކަދައްކައި، ދަރިންނަށް ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރަން ދަސްކޮށްދިނުމަށާއި، މިފަދަ ކަންކަމުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑު އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެންމެންގެވެސް ފަރުދީ ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.