މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ބަލަހައްޓަމުންދާ ފައިސާގެ އަދަދު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީއީއޯ މިގޮތަށް ވިދާޅުވީ، ޕެންޝަން އޮފީހުގެ ފަރާތުން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން އޮފީހުގެ ހަޔާތުގައި މިވީ 17 އަހަރު ދުވަސްތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނި 30 ބިލިއަން ރުފިޔާއަށް ކަމަށެވެ. މިގެ ތެރޭގައި އެމްއާރްޕީއެސް މެންބަރުންގެ ކޮންޓިރިބިއުޝަން އަދި އިންވެސްޓްމެންޓް ފައިދާ ހިމެނެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު ދެގުނަ ކުރައްވައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރެއްވުމަކީ އެންމެ ބޮޑު އެއް އަމާޒުކަމުގައި ވިދާޅުވިއެވެ. އެގޮތުން، ޕްރޯއެކްޓިވްކޮށް މަސައްކަތްކޮށް އިންވެސްޓްކުރެވޭނެ އިތުރު ފުރުޞަތުތައް ހޯއްދަވައިގެން ޕެންޝަން ފަންޑު މިހާރަށްވުރެ ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެެއްގައި އޭގެ ނަފާ މެންބަރުންނަށް ލިބޭނެގޮތަށް ޕެންޝަން އޮފީހުގެ ހިންގުމުގެ ނިޒާމް ތަރުތީބުކުރައްވާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން، ސީއީއޯ ވަނީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން، ސްކީމުގައި ބައިވެރިނުވެ ތިބިކަން ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ޕެންޝަން ފައިސާ ދައްކަން ޖެހޭނެކަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ކުރިއަށް އޮތް 1 އަހަރުދުވަސް ތެރޭގައި އެ ފައިސާ ހޯއްދަވައި ރިކަވަރ ކުރެއްވުމު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މީގެއިތުރުން، ސީއީއޯގެ ވާހަކަފުޅުގައި ވަނީ "3ޖެން ވޯކް" ފަދަ މުހިންމު އިވެންޓެއް ހަނިމާދޫގައި އިންތިޒާމުކޮށް ކާމިޔާބުކަމާއެކު ބޭއްވުމުގައި ހަނިމާދޫ ކައުންސިލާއި، މުއައްސަސާތަކުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ހަނިމާދޫ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި ރިޓަޔަރމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމަށް ބޭއްވުނު ހަރަކާތެކެވެ. އަދި ހަމައެއާއެކު، އާއިލާތަކާއި މުޅި މުޖުތަމައު އެކުވެރިކަމާއެކު އެއްތަނަކަށް ޖަމާވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު މި ހަރަކާތުގެ ތެރެއިން ވަނީ ފަހިވެގެން ގޮސްފައެވެ.