ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ އާންމު އުނދަގޫ ކުރާ މީހާގެ މައްސަލަ ބެލުން އަވަސް ކޮށްދިނުމަށްއެދި ސިއްހަތާއި، އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ގީލާ އަލީ އަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ( ކުޑޫ) ސިޓީ އެއް ހުށަހަޅައިފިއެވެ.

ކުޑޫގެ ސިޓީގައި ވަނީ، ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ އާންމު އުނދަގޫ ކުރާ މީހެއްގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށާއި، އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން ދުއްވާ މީހުންނަށް ވަމުންދާ އުނދަގޫތަކަކީ ހުދު ކުޑޫ ވެސް ކޮންމެ ދުވަހަކު ތަޖުރިބާ ކުރަމުންދާ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިކަމަކީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންހުރި މައްސަލައަކަށްވުމުން، މިއީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ފާހަގަކުރަމެވެ.އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ލަސްނުކޮށް ފިޔަވަޅު އަޅައި އަވަސް ހައްލެއް ދޭންޖެހިފައިވާ ކަމެއްކަމުގައި ކުޑޫ ވިދާޅުވިއެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ އެ ވުޒާރާގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓެއްކަމުން، އެބާވަތުގެ މައްސަލަތަކުގެ ނާޒުކުކަން ބަޔާންކޮށްދީ، މިފަދަ އެހެން ކަންކަމާ ގުޅިގެންވެސް އެ ވުޒާރާއާއެކު އެކި ފަހަރު މަތިން މުއާމަލާތް ކޮށްފައި ވާނޭ ކަން ފާހަގަކުރައްވައި ކުޑޫ ވިދާޅުވީ، އެހެން ނަމަވެސް، މިހާތަނަށް އެދެވޭ އަދި ދާއިމީ ހައްލެއް މިއިންކަމަކަށް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.

ކުޑޫ ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި، ކޮންމެ ރައްޔިތަކަށްވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމާއި، ދިރިއުޅޭނޭ ސާފު އަދި ސިއްސަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މިފަދަ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތަކުން ކުރަންޖެހޭ ކަންކަން އެކަށީގެންވާގޮތަށް ކުރަމުންނުދާކަން ހިތާމައާއެކު ފާހަގަކުރައްވާފަ އެވެ.

ކުޑޫ ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި ކަންކުރަމުން އަންނަނީ ވަރަށްބޮޑަށް އިންތިޒާމުކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަމުގައި ބޭނުންޖެހިފައިވާ މީހުންނަށް އެ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ، ސިއްހީއެހީތެރިކަން ފޯރުކޮށްދޭ ގޮތްތަކަށް ބަލާއިރު ، މިގައުމުގައި މިފަދަ ފަރާތްތަކާމެދު އަމަލުކުރާ ގޮތް ބަދަލުކުރަންޖެހޭކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

އެގޮތުން ކުޑޫ ވަނީ، މަތީގައި ބަޔާންކުރެވިފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތިޔަ މިނިސްޓްރީގެ ފަރާތުން އަޅުއްވަމުންދާ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ؟ އާއި، މިފަދަ ހާލަތްތަކުގައިވާ ފަރާތްތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ފޯރުކޮށްދޭ ފަދަ ދާއިމީ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް މިނިސްޓްރީން ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ؟ އަދި މީގެ ކުރިން މި މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބިނާކޮށް އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެއް ނުވަތަ އުސޫލެއް އެބައޮތްތޯ؟ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން ކުޑޫ ވަނީ، މި މައްސަލައަކީ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ ހައްގުތަކާ ގުޅިފައިވާ ނާޒުކު ކަމަކަށްވާތީ، މިކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯއްދަވައިދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.