ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު އާއްމުންނާ ވަޒީރުން ހިއްސާކުރެއްވުމާއެކު، އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާއްމުން ކުރަން ބޭނުންވާ ސުވާލުތައް ވަޒީރުންނާ ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގެ 10 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފްސީލު އާންމު ރައްޔިތުންނާ ހިއްސާކުރުމާއި، ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އެކަމުގެ އެންމެ އިސް މަސްއޫލުވެރިން މެދުވެރިކޮށް ސީދާ ޖަވާބުދިނުމެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.

މިރޭ ބާއްވާ ފޯރަމުގައި ތިން ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމް ފެށޭނީ މިރޭ 21:00 ގައެވެ.

މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް އެވެ.

ފޯރަމް ކުރިއަށްދާއިރު ސަލްޓަން ޕާކަށް ސީދާ ހާޒިރުވެގެން ސުވާލުކުރުމުގެ ފުރުސަތުގެ އިތުރުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޭސްބުކް، އެކްސް އަދި "ޕީއެސްއެމް އެއަރ" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް މިނިސްޓަރުންނަށް ސުވާލު ހުށަހެޅޭނެ އެވެ.

"އަހާ" ފޯރަމަކީ ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށި ސިލްސިލާ ހަރަކާތެކެވެ.