ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެކަމުގެ ޔަގީންކަން އަރުވައި، ދުނިޔޭގެ މަސްރަހަށް ރިއާޔަތްކޮށް މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިރާޤުގެ ބަޤްދާދުގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހާއްސަކޮށް އިސްލާމީ އުއްމަތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި މައްސަލަތަކުގައި ސުލްހަ ގާއިމްކުރުމަށްޓަކައި ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް މަޝްވަރާތައް ކުރިއަށްގެންދިއުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާ ވާހަަކަ ދައްކަވާފަ އެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށާއި ސުލަހައަށް، މުޖުތަމަޢުއެއްގެ ހުރިހާ ބައިތަކެއް ޝާމިލްކުރުމުގެ މުހިންމުކަމަށް ބާރުއަޅުވާލައްވާ، ދިވެހި ސަރުކާރުން މިކަން ހާސިލްކުރުމަށްޓަކައި ކުރަމުން ގެންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއިން އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރުނު އަހަރަށް ވުމާއެކު، ދިވެހިރާއްޖެއިން އޯއައިސީ އަދި މެންބަރު ގައުމުތަކާއެކު އިސްލާމީ އުއްމަތުގެ މަސްލަހަތު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މީގެ އިތުރުން ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތުކުރުމުގައިވެސް ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމުގެ ޔަޤީންކަން ވެސް ވަޒީރު ދެއްވިއެވެ. އަދި މި މަގްސަދު ހާސިލްކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ވަޒީރު ވަނީ އޯއައިސީ މެންބަރު ގައުމުތަކުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ގައުމުތަކާއި ދިވެހިރާއްޖެއާ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތުކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރުއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.