ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ، މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ، ހދ. ކުޅުދުއްފުށި/ އުއްދަޑިމާގެ، އުމުރުން 20 އަހަރުގެ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް އާއީ ކ. ގާފަރު/ މަލަ، އުމުރުން 30 އަހަރުގެ އަޙްމަދު ސިނާޒް ގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށާއި، އަދި އަޙްމަދު ސިނާޒް އަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށެވެ.
މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙުމަދު މުޙައްމަދު އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުގެ އިތުރުން ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބު އަދާކުރުމުގައި، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ސީޕީ ވިދާޅުވި އެވެ.
ހަމައެއާ އެކު، ސީޕީ ވިދާޅުވީ ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަނަށް އެކި ގޮތްގޮތުން ހުރަސްއަޅައި، ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމަށް ފަސްނުޖެހި، މެދުކެނޑުމެއް ނެތި މި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. ސީޕީ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު އެޅެން ހުރި ގާނޫނީ ފިޔަވަޅުތައް، ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ހަރުކަށި ކުރާނެ އެވެ.