ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓިނިވި އުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި، އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުންދާ ކަމަށް އެމްޑަބްލިޔޫއެސްސީއިން ބުނެފިއެވެ.

ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާ ފަށައިފި
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ ދިރާސާ ފަށައިފި

އެމްޑަބްލިޔޫއެސްސީއިން އިން ބުނިގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

އެގޮތުން، މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ޕްލޯޝަން (Flocean) ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައިވާ ކަމަށާއި ފުރަތަމަ މުއާޔަނާއިން ދައްކާ ގޮތުގައި މިއީ އާދަޔާހިލާފަށް ސާފު ފެން ކަމަށް އެމްޑަބްލިޔޫއެސްސީއިން ބުނެއެވެ. އަދި ލެބޯޓްރީ ތަހުލީލިތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއްކަން އެމްޑަބްލިޔޫއެސްސީއިން ވަނީ ފާހަގަކުރައްވާފައެވެ.

ފްލޯޝަން އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިންސައްތަ އާއި 50 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑކުރެވޭނެއެވެ.

މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔޫއެސްސީ އިން ވަޒަންކުރާނެ ކަމަށާއި މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް އެމްޑަބްލިޔޫއެސްސީ އިން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ލިބޭނެ ބޮޑު ބާރެއް ކަމަށް އެމްޑަބްލިޔޫއެސްސީއިން ބުނެއެވެ.