ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން 'ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026' ނަމުގައި ހާއްސަ ފޯރަމެއް ކުރިއަށްގެންގޮސްފިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރައިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އެ ފޯރަމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފޯރަމުގައި މީދޫގެ ދަނޑުވެރިންނާއި، ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އާންމު ރައްޔިތުން ބައިވެރިވެފައިވާ ކަމަށްވެސް ބުނެއެވެ.
މީދޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި ދިގު މާޒީއެއް އޮތް ރަށެއް ކަމަށް ފޯރަމް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ. އަދި މިއަދު ފެންނަމުން މިދާ ޒަމާނީ ދަނޑުވެރިކަމާ ހަމައަށް ވާސިލުވުމަށްޓަކައި، އެ ރަށުގެ ދަނޑުވެރިން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަގިބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފޮތްތަކުން ލިބޭ އިލްމުގެ އިތުރުން، މި ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
މި ފޯރަމްގެ ތެރެއިން، ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި، މި ދާއިރާއާ މެދު އެކުދިން ދެކޭގޮތުގެ ހިޔާލުތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ.
މީގެ އިތުރުން މި ފޯރަމްގެ ހާއްސަ ބައެއްގެ ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ޕެނަލްގައި، މި ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ، ގުޅޭގޮތުން މުހިންމު ހިޔާލުތަކެއް ވަނީ ބަދަލުކޮށްފައެވެ.
އައްޑޫ ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ "އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫއުގެ ދަށުން ހިންގާ "ވިލުންވެށި ސްކޫލް ގާރޑަން ޕްރޮގްރާމް"ގެ އޮރިއެންޓޭޝަން ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި މޫސުމީ ބަދަލުތަކަށް އޮންނަ ވިލުންތެރިކަން އިތުރުކުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ އާދަ އަށަގަންނުވައި، ސްކޫލް މާހައުލުގައި ދަނޑުވެރިކަން ކުރިއެރުވުމެވެ.