އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ބުނީ އެ އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން އަދި ފިނިޝިން މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން ކޮންކްރީޓް ކުރުމާއި، ރޭނުމާއި، ސިމެންތި ޖެހުމުގެ އިތުރުން، ވޯޓަރޕްރޫފިން، ކުލަލުން، އަދި ދަގަނޑުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، އެމްއީޕީ (މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިން) އަދި އެޗްވީއޭސީ (އޭސީ ސިސްޓަމް) ގާއިމުކުރުމުގެ މުހިންމު މަސައްކަތްތައް ވެސް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ.

ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ މުށި ޖެހުމާއި، ދޮރާއި ކުޑަދޮރުތައް ހަރުކުރުމާއި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތެވެ. އަދި އަލިފާން ނިއްވާ ނިޒާމާއި ލިފްޓު އަދި ބޭރު ފާރުތަކުގައި ކްލެޑިން ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށްވެސް އާރްސީސީން މައުލޫމާތުދެއެވެ.

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު ޑިސެމްބަރު މަހު އެ ސްކޫލްގެ މަސައްކަތް ނިންމާ އަންނަ ދިރާސީ އަހަރަށް އައު އިމާރާތުގައި ކިޔަވައިދޭން ފެށުމަކީ އަމާޒެކެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ. މި ސްކޫލަކީ އަންޑަރ ގްރައުންޑް ޕާކިންއާއެކު ތަރައްޤީ ކުރާ ފުރަތަމަ ސްކޫލެވެ. ސްކޫލްގައި މިހާރު ޕާކިންގެ ބައިވެސް ނިންމާފައިވާއިރު އެތަނުގައި 200 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭނެއެވެ.

ޒަމާނީ ވަސީލަތްތަކާއެކު، ތަނަވަސް ޖާގައެއް ލިބޭނޭހެން 8 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި 2027 ވަނަ އަހަރު މި އިމާރާތުގައި ކިޔަވައިދޭން ފެށުމަށް ހަމަޖެހިފައިވާއިރު، މި ތަނުގައި އެންމެ ޒަމާނީ ކްލާސްރޫމްތަކާއި ފަންނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. އާރްސީސީއާ މި މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް، 152،945،200.65 (ސަތޭކަ ފަންސާސް ދެ މިލިއަން ނުވަ ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ރުފިޔާ ފަސްދޮޅަށް ފަސް ލާރި) އަށެވެ.