ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނީ އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖައްސާފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާތީ، އެކަމާ ގުޅުވައިގން އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

އާޒިމްގެ ޕޯސްޓުގައި ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ ފާއިތުވި ތިން އަހަރު ބިންގާއެޅި ފުލެޓެއް ނެތް ކަމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުގައިހުރި ހުރިހާ ފައިސާއެއް ހުސްކޮށްގެން ފަޅެއްގެ ބަޔެއް ހިއްކިޔަސް އެތަނުން ވެސް ދިވެހިރައްޔިތަކަށް ދިން ބިމެއް ނެތް ކަމަށެވެ. އަދި ބޯހިޔާވަހިކަމެއް ނެތް ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެކަންކަން ބަދަލުކުރާނީ އެމްޑީޕީގެ ސަރުކާރެއްގައި ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ކަންކަން ނިންމަނީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އަޑު ރައްޔިތުންގެ ގާތުން އަހައިގެން ކަމަށެވެ.

ރަސްމާލޭގައި ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާތީ އެކަމަށް ސިޔާސީ ގިނަ ލީޑަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.