މާލޭ އުތުރު ފަރާތު ބަނދަރުގައި އަޅަމުންދާ ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ތަނބުތަކުގެ މަސައްކަތުގެ އިތުރުން ޖެޓީތަކުގެ ކޮންކްރީޓް ދަނގަޑު އެޅުމުގެ މަސައްކަތްތައްވެސް އެކުއެކީގައި ކުރިއަށްދާއިރު، ކޮންކްރީޓް އެޅުމުގެ އަމަލީ މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން، 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއެކު ޖުމްލަ 6 ފިންގަރ ޖެޓީ ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު ނިމި ބޭނުންކުރަން ފެށުމުން ބަނދަރުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ދަތުރުވެރިންނާއި އާންމު ރައްޔިތުންނަށް އިންތިހާއަށް ފަސޭހަވެގެންދާނެއެވެ. ހާއްސަކޮށް، ބޭރު ބަރީގައި އަޅާފައި އޮންނަ އުޅަނދަކަށް އެރުމަށްޓަކައި، އެތެރޭގައި ހުންނަ އެހެން ލޯންޗުފަހަރުގެ މަތިން ހުރަސްކޮށް ދާންޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކާއި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެއެވެ.

މި ޖެޓީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިތަކެއް ލިބޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާއި ޖެޓީއާއި ކައިރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށްވެސް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ.