ކުޅުދުއްފުށި ސިޓީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ކުޅުދުއްފުށި ސިޓީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު އިއްޔެ 14:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޖުމްލަ 3 ފަރާތަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ސައިކަލުތަކުގައި ތިބި ފިރިހެނަކާއި އަންހެނެއްގެ އިތުރުން، އެއް ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާގެ ބޯފަޅައިގެންގޮސް ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު، އަންހެން މީހާގެ ފައި ބިނދި ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާގެ ވާތު ފަޔަށް ތަދުވެ ކަށިމަތި މަށައިގެން ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އަނިޔާވި ތިން ފަރާތަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާދެމުންދާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގީ އަންހެން މީހާ "ޔޫ-ޓާން" ނަގަން އުޅުމުގެ ތެރޭގައި ދެ މީހުން ތިބި ސައިކަލު ބާރު ސްޕީޑުގައި އައިސް އަނެއް ސައިކަލުގައި ޖެހިގެންނެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ ވަނީ އިތުރު ފަރުވާއަށް ރޭ ދަންވަރު 2:00 އެހާކަންހާ އިރު މާލެ ފޮނުވާލާފައެވެ. އަދި އަނިޔާ ލިބުނު އަނހެން މީހާގެ ފައިގެ ސާޖަރީއެއް މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.