ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން "އިވޯލްވް" ވަމުންދާ އެއްޗެއް ކަމަށާއި، އެއީ ނަފުރަތާއި ދޮގާއި ހަސަދައިގެ މައްޗަށް ބިނާ ކުރެވޭނެ އެއްޗެއް ނޫންކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވީ، ނ. ދިއްފަރު ފަޅުގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ޓައުންޝިޕަކީ ހެންލީ ޑިޒައިން ކޮށްފައިވާ ޕާލް ވިސާގެ ދަށުން ބޭރު ޤައުމު މީހުންނަށް ރަށްވެހިކަން ލިބޭނެ ކަމުގެ ވައުދާ އެއްގޮތަށް ބިނާވެފައިވާ ތަނެއް ކަމަށް ބައެއް ހަބަރުތަކުގައި ލިޔެފައި ހުރުމާ ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގުވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ޤައުމުގެ ކުރިމަގަށްޓަކާ ކުރަންޖެހޭ މުހިއްމުކަމެއް ކަމަށާއި، ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަކަންކަމުން ފައިދާނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގުވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ވެގެން ނުވާނެ ކަމަށާއި، ރައްޔިތުންގެ ލާބަޔާއި އިންވެސްޓްމަންޓްތަކުން އުފެދޭ ފުރުސަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޤަބޫލުކުރަންދަތިވިޔަސް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިތަނބަކި ޓޫރިޒްމް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު ކަން ފާހަގަކުރައްވައި ވަޒީރު ވަނީ، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސްކަމެއް މި ގައުމުގައި ނުހިންގޭނެ ކަމަށް ވިދާޅުވެ، ކަންކަމުގެ ޙަޤީޤަތް ބެލުމުގެ ބަދަލުގައި ދޮގުހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.