ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގާ ކަމަށެވެ. އަދި ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުން ލާޒިމްކޮށްފައިވާ ކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމާއި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވާނެ ކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، މިއީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއް ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅިގެން ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ހިމެނޭހެން ސިޔާސީ އެކި ލީޑަރުންނާއި، އާންމު ރައްޔިތުންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.