މާލެ، ކާނޭޝަން މަގު، ގޯޅިގަނޑެއްގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. އަދި މި ތިން މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ، ރޭ ފަތިހު 03:55 އެހައިކަންހާއިރު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ބީޓަކަށް ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާތަން ފެނިގެން އެ ސަރަހައްދަށް ގޮސް ވަނީ ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ވަގުތު، އެތަނުން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް ބުނެފައިވާ ކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ވަނީ ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައި ކަމަށާއި އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ވަނީ ކަށަވަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން، އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، އެ ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ފެނުނު އަސްލު ނަންބަރު ބޯޑު ވަނީ ތަހުގީގުގެ ބޭނުމަށް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.