ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އީޖާދީ އުފެއްދުންތައް ބަލައިގަނެ، ސަގާފީ އިލްމުގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގައި ރައްކާތެރި ކާނާ މުސްތަގުބަލުގައި ރައްޔިތުންނަށް ލިބޭނެ ކަމުގެ އުންމީދުކުރައްވާ ކަމަށެވެ.
ކޮންމެ އަހަރަކުވެސް، އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ކާބޯތަކެތީގެ ރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަނޑުހައިހޫނުކަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
މި ދުވަހަކީ، އެންމެންނަށް ހަމަހަމަކަމާއެކު ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އުފެދުނު ދުވަސްވެސް މެއެވެ.