ކަރަންސީ ސްވޮޕް އެގްރީމެންޓްގެ ދަށުން 30 ބިލިޔަން ރުޕީސްގެ އެގްރީމެންޓް އާ ކުރުމަށް ނިންމި ނިންމުމަށް އީއޭއެމް ޑރ. ޖައިޝަންކަރާއި އިންޑިޔާ ސަރުކާރަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައިފިއެވެ.

ވަޒީރު އިރްތިޝާމް ކުރެއްވި ޕޯސްޓުގައި ވަނީ މި ނިންމުވުމުގެ ސަބަބުން ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަން ފާހަގަކުރައްވާ ވަޒީރު އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ޙިމާޔަތްކުރުމުގައި ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތައް ވަނީ ތަޢުރީފު ކުރައްވާފައެވެ.

ކަރަންސީ ސްވޮޕް އެގްރީމެންޓް ގެ ދަށުން 30 ބިލިޔަން ރުޕީސް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އާރްބީއައި އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު 'ސާކް ގައުމުތަކަށް ހާއްސަ ކަރަންސީ ސްވޮޕް އިންތިޒާމްގެ އޮނިގަނޑު' ގެ ދަށުން ނިންމި ނިންމުމެކެވެ.

މި ފެސިލިޓީގެ ދަށުން ފުރަތަމަ ފިޔަވަހީގައި ދޫކުރި 30 ބިލިއަން ރުޕީސް ދިވެހި ސަރުކާރަށް ލިބިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.