މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ މާބޮޑު ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި، މުސްލިމުންގެ އަބުރާއި ޢިއްޒަތަށް އަލިއަޅުވާލައި ބުނީ، އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ ކަމަށެވެ. އަދި އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަކަށްވާތީ ކަމަށްވެސް ޙުތުބާގައި ވަނީ ބުނެފައެވެ.

ޙުތުބާގައި ބުނީ، މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއްދިނުމަކީ، ބޮޑުވެގެންވާ އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއްނުކުރާނެ ކަމަށެވެ. ނަމަވެސް، ވިސްނައިލާންޖެހޭ ޙަޤީޤަތަކީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަން ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

އަބުރު ގެއްލުވައިލުމުން، ދުނިޔޭގައި އޭނާ އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވެއެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާންނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެކެވެ. އަނިޔާއެކެވެ."

ހުކުރު ޙުތުބާ

ޙުތުބާގައި އިތުރަށް ބުނީ އިސްލާމް ދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް ޓަކައި އެތައް ކަމެއް ޝަރުޢުކުރައްވައިފައިވާ ކަމަށެވެ. އެ ގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެ ކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައި ނަމަ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށްއަރައިގަނެ މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަނީ، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކަމަށްވެސް ޙުތުބާގައި ވަނީ ބުނެފައެވެ.

ޒާތީވުމުންނާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަނީ، ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައެވެ. މާދަމާ ޤައުމުގެ ހުންގާނާ ޙަވާލުވާންތިބި ކުދީންނަށް ދެވޭ ތަރުބިޔަތަކީ ނުވަތަ ދެއްކޭ ނަމޫނާ އަކީ މިއީކަމުގައިވާ ނަމަ، މާދަމާ ޤައުމުގެ ޙާލަތު އޮންނާނެ ގޮތާ މެދު އަހަރެމެންނަށް ވިސްނާލެވެނީ ކިހައި މިންވަރަކަށްހެއްޔެވެ؟"

ހުކުރު ޙުތުބާ

ޙުތުބާގައި ވަނީ، ިމާގެ އަމިއްލަ ނަފުސުގެ އަބުރާ މެދު ރައްކާތެރިވުމަކީ ވެސް ކުރާންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.